އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު މިއަދު ފެށި ކާގޯ ފެރީގެ ފަތުރަކީ ބޮޑު ތިލަދުންމަތީގެ ތަރައްޤީކުރުމުގ ފެށުންކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފެރީގެ ޚިދުމަތް އިފްތިތާހުކުރަން މިއދު ބޭއްވި ޖަލްސާގައެވެ.
މި ގޮތުން ޝާހިދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮތް ގުޅުން ހަރުދަނާވެގެންދާ ކަމަށާއި މިއަދު ފެށި ކާގޯ ފެރީގެ ޚިދުމަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ގުޅުންތައް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އެ ގޮތުން ރާއްޖެ އިޤުތިޞާދީގޮތުން ކުރިއަރައިގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ފެރީގެ ޚިދުމަތާއެކު ރާއްޖޭގެ އުތުރު ތަރައްޤީވެގެންދާނެ ކަމަށާއި ސަރުކާރުން ބޭނުންވަނީ ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ތަރައްޤީކޮށް އެ އެއަރޕޯޓަށް ބޭރުގެ ބޯޓުތައް ޖެއްސޭނެ މަގު ފަހިކުރުންކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެކަން ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ކޮޗިންއިން ކުޅުދުށްފުށްޓަށްއައި ފެރީ ބަނދަރުކުރީ މިއަދު ހެނދުނު 6:30 ހާއިރުގައެވެ.
މި ފެރީން 500 ޓަނަށްވުރެ ގިނަ މުދާ ގެނެސްފައިވެއެވެ.