ޗައިނާގެ ފޯނު އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ ވާވޭގެ ރިސާރޗް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 3 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ޗައިނާގެ ޑޮންގްގުއަންގް ސަރަހައްދުގައި ހުރި ވާވޭގެ ރިސާރޗް ފެސިލިޓީއެއްގައެވެ. އަދި މި ހާދިސާއާއި އެކު، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމުގެ އަސްލު ދެނެގަތުމަށް ތަހުޤީޤެއް ފަށާފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި މިވަނީ، ވާވޭ އިން މި ފެސިލިޓީ ތައްޔާރު ކުރުމަށް ހަދަމުން އަންނަ އިމާރާތުގައެވެ. އަދި މި ކަމާއި ގުޅުގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނާ ގޮތުގައި، އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވުމުގެ ތެރެއިން ވަނީ، 3 މީހަކު މަރުވެފައި އޮއްވާ ފެނިފައެވެ.
އަދި ފަހުން ބެލިބެލުމުން އިނގުނު ގޮތުގައި، މިއީ މި ކުންފުނީގައި މަސައްކަތްކުރާ މީހުންނެވެ. މި ބޮޑު އަލިފާންގަނޑު ނިއްވާލެވިފައިވަނީ، 140 އަލިފާން ނިއްވާ މީހުންގެ ބޮޑު ފައުޖަކުން ހަރަކާތްތެރިވުމަށް ފަހުއެވެ.