އިންޑިއާގެ ކޮޗިން އިން ރާއްޖޭގެ ކުޅުދުއްފުއްޓާއި، މާލެ އާއި ދެމެދު ކުރުމަށް ހަމަޖެހިފައިވާ ކާރގޯ ދަތުރު ތަކުގައި މަސްތުވާ ތަކެއްޗާއި، ހަތިޔާރު ގެންނަ ވާހަކަތަކެއް އަޑު އިވޭކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ފެރީއިން ރާއްޖެއަށް ގެނައި ތަކެތި ދައްކާލަން ޖެހޭނެ ކަމަށާއި، ފެރީގައި މަސްތުވާ ތަކެތީގެ އިތުރުން ހަތުޔާރު ގެނެޔަސް ނޭނގޭނެ ކަމަށެވެ.
”އަޅުގަނޑުމެންނަކަށް ނޭނގެ އޭގެ ތެރެއަށް އަޅައިގެން އެ ގެންނަ އެއްޗެއް، އޭގައި ހުރީ އަނެއްކާ ހަތިޔާރުބާ، އޭގައި ހުރީ މަސްތުވާތަކެތި ތޯ ކަމެއް ވެސް ނޭނގެ، އަޅުގަނޑު ގޮވާލަން ނިކަން މީޑިއާއަށް އެ ދައްކާލަން،“ އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައިސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގެ އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އިންޑިއާއިން ރާއްޖެ ގެންނަނީ މަދު މުދާތަކެއް ކަމަށެވެ. އެހެންކަމުން އެ ފެރީން މާ ގިނަ މުދަލެއް ނާންނާނެ ކަން މާ ކުރިން ގަބޫލު ކުރެވުނު ކަމަށެވެ. އަދި މިއަދު ބަނދަރު ކުރި ކާރގޯ ފެރީގައި ހުރި ތަކެތި މީޑިއާތަކަށް ދައްކާލަންވެސް ޝުޖާއު ވަނީ ގޮވާލާފައެވެ.
3000 ޓަނުގެ މުދާ އުފުލޭ ކާރގޯ ފެރީ މިއަދު ކުޅުދުއްފުށީ ބަނދަރަށް ލަފާފައިވަނީ 500 ޓަނުގެ މުދަލާއި އެކުއެވެ. ފެރީ ބަނދަރު ކުރުމާއި އެކު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.