ގޭމް އޮފް ތްރޯންސްއިން އެތައް ބަޔެއްގެ މަގުބޫލުކަން ހޯދި ތަރި ކިޓް ހެރިންޓަން (ޖޯން ސްނޯ) އާއި އަނބިމީހާ، ރޯޒް ލެސްލީ (އިގްރިޓް) ގެ ކައިވެންޏަށް ދަރިއަކު ލިބެން ތައްޔާރުވެފައިވާ ކަން ހާމަކޮށްފިއެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވާކަން އިއުލާނު ކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. ހެރިންޓަން އާއި ލެސްލީ އަކީ ގޭމް އޮފް ތްރޯންސް ގެ ދެ ތަރިންނެވެ. އަދި މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީވެސް ސީރީސްގެ ޝޫޓިންގެ ތެރެއިންނެވެ. ސީރީޒްގައިވެސް މި ދެ ތަރިން ފެނިގެންދިޔައީ ލޯބިވެރިންގެ ރޯލުންނެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ފަހުން ހެރިންޓަން އާއި ލެސްލީ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގައި ސްކޮޓްލޭންޑުގައެވެ. އެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ސްކޮޓްލޭންޑުގެ އުތުރު އިރުމަތީ ސަރަޙައްދެއްގައި ހުންނަ 900 އަށްވުރެ ގިނަ އަހަރުވެފައިވާ އާސާރީ ގަނޑުވަރެއްގައެވެ.
ކައިވެންޏަށްފަހު ހެރިންޓަން ވަނީ، ދަރިއަކު ލިބުމުން އޭނާގެ މައިންބަފައިން ދިމާވީ ”ގޭމް އޮފް ތްރޯންސް“ އިންކަން އެނގިގެންދާނެ ކަމީ އޭނާ އަބަދުވެސް އުފާކުރާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ވިސްނުމެއް ޚިޔާލަށް އަންނަ ކޮންމެ ފަހަރަކުވެސް ހިތްހަމަޖެހުން ލިބޭ ކަމަށް ހެރިންޓަން ބުންޏެވެ.