އިންޑިއާގެ އުތްރަ ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ހަތްރާސްގައި 4 ފިރިހެނުން ވެގެން އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ.
އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، 4 މީހުން ވެގެން އޭނާ ރޭޕްކޮށްފައި ވަނީ، އަންހެން ކުއްޖާ ގެންގުޅޭ ޖަނަވާރު ތަކަށް ކާންދިނުމަށް ގޮސް އުޅެނިކޮށެވެ. ރޭޕްކޮށް މަރާލަން އުޅުމުގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުން އަންހެން ކުއްޖާ އަށް ފަރުވާ ދެމުން ދަނީ، އަލީގާހް މެޑިކަލް ކޮލެޖުގެ އައިސީޔުގައި ބާއްވައިގެންނެވެ. މީގެ ކުރިން އެކުއްޖާގެ އާއިލާ އިން ވަނި ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ. އާއިލާއިން އެންމެ ފުރަތަމަ މައްސަލަ ހުށައެޅީ، ކުރިންވެސް އޮންނަ ދުޝްމަން ކަމެއްގެ ސަބަބުން ސަންދީޕް ކިޔާ މީހަކު އެކުއްޖާ މަރާލަން އުޅުނީ ކަމަށެވެ. އާއިލާއިން މައްސަލަ ހުށައެޅުމުން އެއަވަށުގެ ފުލުހުން ވަނީ ސަންދީޕް ހައްޔަރު ކޮށްފައެވެ.
އެހެން ނަމަވެސް އައިސީޔޫގައި ފަރުވާ ދެމުންދާ އަންހެން ކުއްޖާގެ ހާލު ރަނގަޅުވެ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގެންގުޅޭ ޖަނަވާރު ތަކަށް ކާއެއްޗެހި ބަލާ ދިއުމުން ސަންދީޕްގެ އިތުރުން 3 މީހަކު ވެގެން އޭނާ ރޭޕްކޮށް މަރާލަން އުޅުން ކަމަށެވެ. އަންހެން ކުއްޖާގެ ބަޔާނުގެ ސަބަބުން އެއަވަށުގެ ފުލުހުން މިހާރު ވަނީ ސަންދީޕްގެ އިތުރުން އެހެން މީހެއްގެ މައްޗަށް ރޭޕްކޮށް މީހަކު މަރާލަން އުޅުމުގެ ކުށުގައި ހައްޔަރު ކޮށްފައެވެ. އަދި އެކަމުގައި ބައިވެރިވި އަނެއް ދެމީހުންވެސް ވަރަށް އަވަހަށް ހައްޔަރު ކުރާނެ ކަމަށްވެސް އެއަވަށުގެ ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުންވެސް ރޭޕް ކުރުމުގެ މައްސަލަތައް އެންމެ ގިނަ ގައުމެވެ. މަސް ދުވަސްނުވާ ތުއްތު ކުދިން އިން ފެށިގެން އުމުރުން ދުވަސްވީ މީހުންވެސް ރޭޕްކުރާ މީހުންގެ ޝިކާރައަށް އެގައުމުގައި ވެއެވެ.