ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް(އަނދުން ޙުސައިން) ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
މެންބަރު ޝަހީމް ފާޑުވިދާޅުވެފައި މިވަނީ ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ޢަބްދުއްރަޙީމު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
ރައީސް ޔާމިނު ޖަލުގައި އޮންނެވުމުން އެ ކަމަށް ޢިޝާރާތްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ޢަލި ރަސްގެފާނެއް މިއަދު ނެތުމުން ހިތާމަކުރައްވާ ކަމަށާއި މިއަދުގެ ޢަލި ރަސްގެފާނު އޮންނެވީ ހިލިހިލާޖަހާފައި ޖަލުގައިކަމަށެވެ.
ޢަބްދުއްރަޙީމުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ޝަހީމު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ”މާތް ކަލާކޯ“ ޢަލި ރަސްގެފާނަކީ ދުވަހަކުވެސް ވައްކަމެއް ކުރައްވައިގެން މި ޤައުމަށް ކުޑަނަމަވެސް ޚިޔާނާތެއް ވެވަޑައިގެންފައިވާ ބޭކަލެއްނޫން ކަމަށެވެ. އަދި ޢަލި ރަސްގެފާނު މި ޤައުމަށްކޮށްދެއްވި ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ދިވެހި ތާރީޚުގައި ލިޔެވިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވަނީ ޢަބްދުއްރަޙީމުގެ މުޑުދާރު ސިފަކުރެއްވުމަށް ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.
ޝަހީމް މިހެން ވިދާޅުވިއިރު ޢަބްދުއް ރަޙީމް ވަނީ ދިވެހި ޤައުމުގައި އަމިއްލަ ވެރިކަމެއް ކުރަން ފެށުނީއްސުރެ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެންމެ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވީ ރައީސް ޔާމިނުކަމަށް ވެސް ވިދާޅުވެފައެވެ.