ޗައިނާގެ ކޯލް މައިނެއްގައި މަސައްކަތް ކުރި ބަޔަކު މައިނުގެ އެތެރޭގައި ތާށިވެ، 16 މީހުން މަރުވެއްޖެއެވެ.
އާދިއްތަ ދުވަހު ޗައިނާގެ ދެކުނުގެ އަވަށެއްގައި ހިނގި މި ހާދިސާގައި، އަދިވެސް ގިނަ ބަޔަކު ތާށީވެފައި ވާއިރު، އެކަކުވަނީ ސީރިޔަސް ހާލަތުގައެވެ.
މި މައިނުގައި ހިނގި އަލިފާނުގެ ހާދިސާއަކަށްފަހު، އެ ޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި، ގިނަ ޢަދަދެއްގެ ވިހަ ގޭސްތަކެއް ވަނީ މި މައިނުން ލީކުވެފައެވެ. އަދި ގިނަ ޢަދަދެއްގެ މީހުން ސަލާމަތް ކުރާ މީހުންނާއި، މެޑިކަލް ފަރާތްތަކުން އަންނަނީ މި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޤިއާންޖިންގް ޑިސްޓްރިކްޓްއިން މަޢުލޫމާތު ހާމަކުރައްވާގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް އަންނަނީ ތަހުޤީޤު ކުރަމުންނެވެ.
މި މައިނަކީ ޗޮންގްކިންގް އެނާރޖީގެ މައިނެއްކަމުގައި އެ ޤައުމުގެ ނޫސްތަކުން ވަނީ މަޢުލޫމާތު ދީފައެވެ.
ޗައިނާގައި މައިނު ތަކުގައި ހިނގާ ހާދިސާތައް ކޮންމެ އަހަރަކުހެން ދަނީ ގިނަވަމުންނެވެ. ގިނަ ބަޔަކު މަޢުލޫމާތު ދޭ ގޮތުގައި މިގޮތަށް ހާދިސާތައް ތަކުރާރުވަނީ، މި މައިނުތަކުގެ ސޭފްޓީ ލެވެލް ދަށްވުމުގެ ސަބަބުންނެވެ.