ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ފަޤީރުންގެ ދަފުތަރު މުރާޖަޢާކުރުމަށްޓަކައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވައިލީ ހުސްވި ޖުލައި މަހުގެ 06 ވަަ ދުވަހުން ފެށިގެން އެ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް ހުޅުވައިލި ފުރުސަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ ގޮތުން ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަކުވާއާއި ހުށަހަޅަންޖެހޭ ލިޔުންތައް zakat.dhafthar@islamicaffairs.gov.mv އަށް މެއިލްކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މެއިލް ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.