ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނެވި ސިނާއަތަކަށް ހަދާފައި ވަނީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުނިތަކުގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުރައްކާތެރި ކޯވިޑް-19ގެ ވަބާއިން ދިވެހިރާއްޖެ އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްޤީއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ އުމްރާނީ ތަރައްޤީގެ ސަބަބުން މުޅި ދުނިޔެއާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ރަށްފުށުގެ ސާދާ ސަޤާފަތް ފަތުރުވެރިކަމުގެ ދާއިރާއަށް ގެނައުމަށް އދ.ގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ކަނޑައެޅި ޝިޢާރެވެ.