ކޯވިޑް-19ގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާއި ހިލާފުވި 4،700 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ މާސްކު ނާޅާ މަގު މައްޗަށް ނިކުމެ އުޅުނު މީހުންގެ ތެރެއިން 3،877 މީހަކަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. އަދި 1،798 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މަގުތަކަށް ނިކުމެ އުޅުން މަނާ ކޮށްފައިވާ ވަގުތުތަކުގައި މަގުތަކަށް ނިކުމެ އުޅުނު 4،833 މީހަކަށް ނަސޭހަތް ދިންއިރު 2،195 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ވެހިކަލް ދުއްވުން މަނާ ގަޑީގައި، ވެހިކަލުތަކުގައި ބޭރުގައި އުޅުނު 4،321 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އޭގެތެރެއިން 781 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މި ފަހަކަށް އައިސް މިހާރު މަނާގަޑިތަކުގައި ވެހިކަލް ދުއްވުން އިތުރުވުމާ އާންމު ރައްޔިތުން މަގުމަތިން ފެންނަލެއް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ކޯވިޑް ބަލީގައި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް އެޅިގެން ދާނެ ހުރަހެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރޭގަނޑު 9:30 ގެ ފަހުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ދިނުން މަނާ ކޮށްފައި އޮތްއިރު މަނާ ގަޑީގައި ވެސް ހުޅުވައިގެން ޚިދުމަތްދޭ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް އިތުރުވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.