އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.
މިއަދު ހަވީރު ބޭއްވި މި ޖަލްސާގައި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަންކުރެއްވި ޑިރެކްޓަރުންނަކީ:
(1)މުޙައްމަދު ފަހީމް/ހިޔާވަހި،ނ.ކުޑަފަރި (ޗެއަރމަން)
(2)އާދަމް އާޒިމް/މ.ސީނުކަރަންކާގެ (ޗީފް އެގްޒެކެޓިވް އޮފިސަރ)
(3)ޝާހިދު ޙުސައިން މޫސާ އިހާ،ޅ.ހިންނަވަރު (އެގްޒެކެޓިވް ޑިރެކްޓަރ)
(4)އަލްއުސްތާޛް މުޙައްމަދު ފަރީދު /ފ.ފީއަލި (ނޮންއެގްޒެކެޓިވް ޑިރެކްޓަރ)
(5)ސިނާން ޢަލީ/ދަފްތަރު ނަންބަރު ދރ 950 ،ކ.މާލެ ( ނޮންއެގްޒެކެޓިވް ޑިރެކްޓަރ)
މި ފަސް ބޭފުޅުންނެވެ.
”ފަހިވޯޓު“ މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާގައި 25 ޙިއްސާދާރުން ބައިވެރިވެވަޑައިގަތެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 42 ޙިއްސާދާރުން ތަމްސީލުކުރެވުނު ކަމަށާއި މުޅި ޖަލްސާގައި މުޅިއެކު ތަމްސީލުވީ 67 ޙިއްސާދާރުންނާއި 390,550,5 ހިއްސާކަމަށް އެމްޓީސީސީން ބުނެއެވެ.
މިއަދުގެ ޖަލްސާގައި އެމްޓީސީސީން 2019 ވަނަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި ޙިއްސާއަކަށް 02 ރުފިޔާބެހުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯރޓާއި 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ. އަދި މި އަހަރަށް އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ޙިއްސާދާރުން ހޮވި ފަރާތަކީ ޕްރައިސްވޯޓަރ ހައުސްކޫޕާރސް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.