2023 ގެ ރިޔާސީ ކެންޑިޑޭޓުގެ ލިސްޓުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމްގެ ނަންފުޅު އޮންނާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ މިރޭ ކުރި ޓްވީޓެއްގައެވެ.
ރާއްޖޭގެ މިނިވަންކަން އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ހުރިހައި އެއްބަސްވުންތަކެއް ރައީސް ޔާމިނު ވެރިކަމަށް ވަޑައިގަތުމަށް ފަހު އުވައިލައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު މި ޤައުމުގެ ސިޔާދަތު އަލުން ހޯއްދަވައިދެއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމިނު ގެންދަވަނީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އެ މަނިކުފާނު ޖަލަށް ލާފައިވަނީ ނުޙައްޤުންނެވެ. އަދި ނުޙައްޤުން ޖަލަށް ލާފައިވާތާ 300 ދުވަސް ވެފައިވާކަމަށާއި އެ މަނިކުފާނު ޖަލަށްލާފައިވަނީ ސިޔާސީ ބޭނުމެއްގައިކަމަށް ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.