ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލަ ތަޙުޤީޤުކުރުމުގައި އެހީތެރިވާނެ ބޭރުގެ މާހިރަކު ސެޕްޓެމްބަރުމަހުގެ ތެރޭގައި ޢައްޔަންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބުނެފައިވާއިރު މަސްނިމެން ތިން ދުވަހަށްވެއްޖެއެވެ.
އޯގަސްޓު 08 ވަނަ ދުވަހުގައި މަރު ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި އޮތްކަމީ އޭނާގެ ޢާއިލާއަށް ލިބިފައިވާ ހިތާމައެއްކަން ފާހަގަކޮށް މަތިއޮމާންކޮށްފައެވެ. އެ ގޮތުން އެ ހިތާމައިގާ އެ ކޮމިޝަނުން ބައިވެރިވާކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ކޮމިޝަނުން ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ފަށާފައިވާ ބުރަ މަސައްކަތްތައް އެއް ޢަޒުމެއްގައި ކުރިއަށް ގެންދާނެކަމަށް ވެސް ބުނެފައެވެ.
އެ ގޮތުން ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ހޯދުމަށް ބޭރުގެ މާހިރަކު އެ ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސް ޞާލިޙް ނިންމަވާފައިވާކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި މި މަސްތެރޭގައި އެ ފަދަ މާހިރަކު ޢައްޔަންކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން ކުރިއަށްގެންދާކަމަށް ވެސް މަރު ކޮމިޝަނުން އޭރު ވަނީ ބުނެފައެވެ.
ނަމަވެސް ރިޟުވާން ގެއްލުވައިލި މައްސަލައަށް ހަ އަހަރު ފުރުނުއިރު ވެސް އެއްވެސް ބަޔަކަށް އެ މައްސަލައަށް އިންސާފެއް ހޯދައެއް ނުދެވުނެވެ. އަދި ހަމައެއާއެކު ބްލޮގަރ ޔާމީނުގެ މައްސަލައިގައި ވެސް އިންސާފު ނުލިބޭކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ޑރ.އަފްރާޝީމުގެ ޤާތިލުން ހޯދައި ޙައްޤުއަދަބު ދެވިފައިނުވާކަމީ ވަންހަނާވެގެންވާ ކަމެއްނޫނެވެ. އަދި މި ނޫނަސް މިފަދަ މިފަދަ ކިތަންމެ މައްސަލައެއް އޮތްގޮތަށް އޮތީއެވެ.
ސަރުކާރުން ދައްކަނީ އަބަދުވެސް އަނިޔާގެ ވާހަކައެެވެ. ނަމަވެސް އަނިޔާއަކަށް އިންސާފު ހޯދައިދެވިފައިނުވާކަމީ މި ދިވެހިރާއްޖެ ޤަބޫލުކުރާނެ ޙަޤީޤަތެކެވެ.