ފުވައްމުލަކު ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤަވާއިދުގެ 1.1 ޑްރާފްޓު ނިމި ޢާއްމު ފަރާތްތަކުގެ ޙިޔާލު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ރަށުގެ ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލުކޮށްފިއެވެ.
މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުވައްމުލައް ސިޓީގެ ގޮނޑުދޮށަށް ލައްގާ ވެލި، އަކިރި، ގާ އަދި މުރަކަ ފަދަ ތަކެތި ޙިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ބައްދަލުވުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ގޮނޑު ދޮށުން ވެލި އަދި އަކިރި ނެގުމުން އެކަމަށް ފިޔަވަޅު އެޅުމުގައި ޤަވާއިދެއް ނެތުމުގެ ސަބަބުން ދަތިތައް ދިމާވެފައިވާ ކަމުގައެވެ.
އެގޮތުން ރަށުގެ ރައްޔިތުން ގަވާއިދާއި ހިލާފަށް ނަގާފައިވާ ވެލި މީހުންގެ އަތުން ގަންނަމުން ދިޔުމުގެ ސަބަބުން އެފަދަ އަމަލު ކުރާ ފަރާތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހިތްވަރު ދެވެމުން ދާތީ ގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ބައިވެރިން ވަނީ ޙިޔާލު ފާޅުކޮށްފައެވެ.
ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދުގެ ޑްރާފްޓްކޮށްފައި ވާގޮތު އެ ގަވާއިދުގައި ކުރުން މަނާ ކޮށްފައިވާ އެއްވެސް ކުށެއް ކުރާ ފަރާތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާއިން ފުވައްމުލައް ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.