މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުތަކުގެ ސަބަބުން ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯގެ މަޤާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެންޑީއޭގެ ބޯޑުގެ ޗެއާމަން ޢަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ޝަހީލް ވަނީ އެޖެންސީގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ކަމުގައި ވިއަސް އިހްލާސްތެރިކަމާ އެކު ކަމަށާއި އެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ޤާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާކަމަށވެ. އެގޮތުން ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކުރުމާއި މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށް ވެސް ޝަހީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޤާމުން ދުރުކޮށް އެ ބަޔަކު ބޭނުންވާ މަޤްޞަދު ހާސިލްކުރުމަށް އެފަދަ ބަޔަކު ބޭނުންކޮށްގެން ކޮންމެ ފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދިޔަ ޖޫން މަހު ވެސް، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އެޖެންސީން އިސްތިއުފާ ދިނުމަށް ސިޓީ ހުށަހެޅުއްވި ކަމަށާއި އެކަމަކު އެންޑީއޭއާ ގުޅުން ހުރި ބެލެނިވެރި އިސްފަރާތްތަކުގެ އެދިވަޑައިގަތުމުން އެ ސިޓީ އޭރު އަނބުރާ ނެންގެވިއަސް މި ހާލަތުގައި އެންޑީއޭގެ ސީއީއޯގެ މަޤާމުގައި ހުންނަން އުޒުރުވެރިވެ ވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީކަމަށް ހަސަން ޝަހީލް ހަމަކުރިއެވެ.
އެންޑީއޭގެ ސީއިއޯ މަޤާމަށް ޝަހީލް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ސެޕްޓެމްބަރުގައެވެ.