ކަސޯޓީ ޒިންދަގީ ކީ ގެ ދެވަނަ ބައިން އަނޫރާގް ގެ ރޯލުން ފެނިގެންދިޔަ ޒުވާން އެކްޓަރު، ޕާތު ސަމްތާން އެޑްރާމާ ދުކޮށްލައިފިއެވެ.
ޕާތު ކަސޯޓީ ދޫކޮށްލަން ނިންމީ، މި ޝޯގެ ޝޫޓިން ބާއްވާ ތަނުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވާން ފެށުމުން ޝޯގައި ޕްރޭރްނާގެ ރޯލު އަދާކުރާ އެރިކާ ފެނާންޑިސް އާއި ކޯމަލިކާގެ ރޯލު ކުޅޭ އާމްނާ ޝަރީފް ސެޓަށް ހާޒިރުވާން ދެކޮޅު ހަދާ ގޭގައި ޝޫޓިންގ ތައް ފެށި ހިސާބުން އުފެދުނު ދެބަސް ވުންތަކެއްގެ ސަބަބުންނެވެ.
އެހެން ނަމަވެސް ޕާތުގެ ފަހު ޝޫޓިންގ ނިމުމަށްފަހު އޭނާ ވަނީ ޑްރާމާގެ އެކްޓަރުންނާއި ކްރޫއިންނަށް އަސަރުން ފުރިގެންވާ އަލްވަދާއު އެއް ކިޔާފައެވެ. އެގޮތުން ޕާތު ބުނެފައިވަނީ، ”ކަސޯޓީ ޒިންދަގީ ކޭ“ ގައި އޭނާ ކުޅުނު އަނޫރާގު ބާސޫގެ ރޯލަކީ އެކްޓަރެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތް ރޯލެއް ކަމަށާއި، ރަނގަޅު އިންސާނަކަށް ވުމަށް އޭނާއަށް މަގު ދައްކައިދިން ރޯލެއް ކަމަށްވެސް ޕާތު ވަނީ ބުނެފައެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ އަދި ސްޓާ ޕްލަސްގެ ޕްރައިމް ޓައިމްގައި ދައްކަމުން އައި ”ކަސޯޓީ ޒިންދަގީ ކޭ“ ނިންމާލަން ސްޓާ އާއި އެކްތާ މިހާރު ވަނީ ނިންމާފަ އެވެ. އަދި މި ޑްރާމާގެ އެންމެ ފަހު އެޕިސޯޑް އަންނަ އޮކްޓޯބަރުގެ 3 ވަނަ ދުވަހު ދައްކަން ވަނީ ހަމަޖެހިފަ އެވެ.
”ކަސޯޓީ“ގެ ފުރަތަމަ ސީޒަން ނިމުނީ ހިތާމަވެރިކޮށް ނަމަވެސް މިފަހަރުގެ ސީޒަން ނިންމާލާނީ އަނުރާގު އާއި ޕްރޭރްނާ އަލުން ގުޅިގެން ކަމަށް ވެއެވެ. ޝޯ ނިމެނީ ކޯމަލިކާ މަރުވެ އަނުރާގާއި ޕްރޭރްނާގެ ލޯބި އަލުން ފެށުމަށް މަގު ފަހި ވެގެންނެވެ.