އިންޑިއާގެ އެންސީބީއިން މިހާރު ތަހުގީގު ކުރަމުންދާ މަސްތުވާ ތަކެތީގެ މައްސަލައިގައި އެގައުމުގެ ފިލްމު ޕްރޮޑިއުސަރ ކިޝްތިޖް ޕްރަސާދް ހައްޔަރު ކޮށްފިއެވެ.
އެންސީބީ އިން އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު އެގެއިން މަސްތުވާ ތަކެތި ފެނުމާއި ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ. އަދި އިންޑިއާގެ ނޫސްތަކުގުއި ރިޕޯޓު ކޮށްފައިވާ ގޮތުން ނަމަ އޭނާގެ ބަންދައް 4 ދުވަސް ޖެހުމަށް އެންސީބީއިން ކޯޓަގައި ހުށައަޅާނެ ކަމަށްވަނީ ބުނެފައެވެ.
ޖޫންމަހުގެ ތެރޭގައި އިންޑިއާގައި މަރުވި ފިލްމީ ބަތަލް ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅޭ މަސްތުވާ ތަކެތީގެ މައްސަލައިގައި އެގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އަންނަނީ އެކި ފަންނާނުންނާއި ސުވާލު ކުރަމުންނެވެ. އަދި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ވަނީ އޭނާ އަށް މަސްތުވާ ތަކެތި ދިން މައްސަލައިގައި ހައްޔަރުކޮށްފައެވެ. ރިއާ އެންސީބީއަށް ދިން މަސްތުވާ ތަކެތީގެ ތެރޭގައި އުޅޭ ފިލްމީ ދާއިރާގެ މީހުންނާއި އެންސީބީއިން ސުވާލު ކުރަމުން ދާއިރު، ކިޝްތިޖް އާއި ސުވާލު ކުރީ، ރާކުލް ޕްރީތް އެންސީބީއަށް ތަހުގީގުގައި ދިން ބަޔާނާއި ގުޅިގެންނެވެ.
ރާކުލް ޕްރީތް އެންސީބީއަށް ދިން ބަޔާނުގައި، ކިޝްތިޖް އާއި ގުޅޭ ގޮތުން ބުނެފައިވަނީ، ޕްރޮޑިއުސަރ ކިޝްތިޖް އަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެއް ކަމަށާއި، ފިލްމީ ދާއިރާގެ ބޮޑެތި ފަންނާނުންނަށް އޭނާ މަސްތުވާ ތަކެތި އެކި ފަހަރު މަތިން ހޯދައިދީފައިވާ ކަމަށެވެ.
އެންސީބީއަށް ކިޝްތިޖް ހާޒިރުވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، މި ކަމުގައި އޭނާގެ އެއްވެސް ވަރެއްގެ ހިއްސާއެއް ނުވާނެ ކަމަށާއި، މަސްތުވާ ތަކެތީގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.