ކީރިތި ޤުރުއާނާބެހޭ މަސައްކަތްތައް ރާއްޖޭގައި މިހާރު ބަލިކަށިވެފައިވާކަމަށް ވިދާޅުވެ ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމަށް ޓެގްކުރައްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ކީރިތި ޤުރުއާނުގެ ޤައުމީ މުބާރާތް އޮންލައިކޮށް ބޭއްވުމަށާއި ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް މަޝްވަރާކުރެއްވުމާއި ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނާއި ބެހޭ މަސައްކަތްތައް ރާއްޖޭގައި މިހާރު ބަލިކަށިވެފައިވާކަމަށާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތަކަށް ވެސް މިހާރު ލޮޅުން އަރާފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖެތެރޭގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތްތައް ވެސް ހުއްޓިއްޖެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް މިދިޔަ އަހަރު ވެސް ނުބާއްވާކަމަށާއި ޕީއެސްއެމްއިން ބާއްވަމުން އަންނަ ”އެންމެ އަލިގަދަ ތަރި“ ޤުރުއާން މުބާރާތް ވެސް ނުބާއްވާކަމަށެވެ.
އޭގެ އިތުރުން މިފަދަ މިފަދަ ކިތަންމެ ހެޔޮކަމެއް ވަޅުޖަހާފައިވާ ކަމަށާއި ޤުރުއާނުގެ ޢިލްމު ފެތުރުން ވަރުގަދަކުރަންޖެހޭކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
Kihaa dherakameh. shaheemah mi dhuniyeyge haalath neygeneebaa??. Hahjjah meehunnah nudhevunee keehvvebaa??.