ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުހަށް ހާޒިރުކޮށް ރަހީނުކުރިކަމަށް ބުނާ މައްސަލަބެލުން ލަސްވަމުންދާތީ އެ ދެމަފިރިކަނބަލުން ކަންބޮޑުވުން ފާޅުުކުރައްވައިފިއެވެ.
އެއްވެސް ތުހުމަތަކާއި ނުލައި މާޝާ(ނ.ވެލިދޫ/ކާމިނީގެ) ފުލުހަށް ހާޒިރުކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. މި ގޮތުން މާޝާ ހާޒިރުކުރުމަށްފަހު ގިނަ ވަގުތުތަކެއް ވަންދެން ފުލުސް އޮފީހުގައި އިންނަވަން ޖެހުނެވެ. އެ ގޮތުން އިދިކޮޅު ފަރާތްތަކުން އޭރު އެކަން ސިފަކުރީ ރަހީނުކުރުން ކަމަށެވެ.
ހުސްވި އަހަރުގައި ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އޭރުގެ ޕީޖީ ޢާއިޝަތު ބިޝާމް ހާޒިރުކުރެއްވި ދުވަހެއްގައި ތުޅާދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ޙުސައިން ވަނީ މާޝާގެ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
އެ ގޮތުން ބިޝާމް ވަނީ އެ މައްސަލަ ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ބިޝާމް އެހެން ވިދާޅުވިތާ އަހަރެއްފަހުން އިލްހާމް ވަނީ އެ މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވާ ޓްވީޓެއް ކުރައްވާފައެވެ. އަދި އެ ޓްވީޓު ރީޓްވީޓުކުރައްވައި މާޝާ ވަނީ އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވިކަމަށް ވިދާޅުވެފައެވެ.