ރާއްޖޭގެ ސަރަހައްދުތަކުގައި ޤާއިމުކުރަން ނިންމާފައިވާ ޓާރފް ދަނޑުގެތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފިއެވެ.
ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއި ހަވާލުކޮށްފައިވާ 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުންތަކުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ.ވީއޭއެމްކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.
މި ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފައިވާއިރު އެ ރަށްތަކުގެތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ.ފުނަދުއާއި ށ.ފޯކައިދުއާއި ށ.މިލަންދޫއެވެ.
ދެވަނަ ލޮޓްގައި ހިމެނެނީ ނ.ކުޑަފަރީގެ އިތުރުން ނ.ވެލިދުއެވެ.
ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށްޓާއި ރ. ދުވާފަރުގެ އިތުރުން އެ އަތޮޅު މާކުރަތެވެ.
ހަތަރުވަނަ ލޮޓްގައި ކ.މާފުށްޓާއި ކ.ގުޅި ހިމެނޭއިރު ދެން ހިމެނެނީ އެ އަތޮޅު ގުރައިދުއެވެ.
އޭގެއިތުރުން ފަސްވަނަ ލޮޓްގައި ހިމެނެނީ އއ.ރަސްދުއާއި ވ.ކެޔޮދުއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ފަސް ލޮޓްގައި ހިމެނޭ 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުން ކަމަށެވެ. އަދި މި ހުރިހައި ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށްކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ހާމަކުރާގޮތުގައި މިއިން ކޮންމެ ލޮޓެއްގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި މިހާތަނަށް އައިއިރު ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައިވާކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.