އީމާން މުހައްމަދު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ގއ. ވިލިނގިލި / ނައިން ފްލާވަރ، އީމާން މުޙައްމަދު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ މައްސަލައާ ގުޅިގެނެވެ.
އީމާން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލު ކުރީ އޭނާ ބަންދުގެ މުއްދަތު ޖެހިއިރު ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އޭނާ ޝަރީއަތަށް ހާޒިރު ކުރުމުގެ ކުރިން އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަށް ބަންދުގެ މުއްދަތުގެ މަޖިލީހަށް އިމާން ހާޒިރުކުރެވޭ ތަނާއި ގަޑި ފުލުހުންގެ ފަރާތުން އަންގާފައިވާކަން އެނގެން ނެތުމުންނެވެ.
ހައިކޯޓުން ބުނެފައިވަނީ ވަކީލަކު ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ހައްގުތަކުގެ ތެރޭގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެ ކަމަށާއި އަދި ލަސް ކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެމީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދޭން ވާނެކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން އީމާނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކުން މަހުރޫމު ކުރެވިފައިވާކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލުގެނެސް އެ އަމުރު ބާތިލް ކުރިކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.