ވެންޓިލޭޓަރުގެ ތަހުޤީޤަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ބަލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
3 ގަޑިއެއްހާ އިރަށް މިނިސްޓަރު ހާޒިރުކޮށް ކުރި ތަހުޤީޤު ކުރިއަށް ދިޔައެވެ.
ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއެވެ.
ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.
ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށް ވާ 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ މައްސަލަ ވެސް އޮޑިޓުގައިވެއެވެ.
ޤާނޫނާއި ގަވާއިދާ ޚިލާފަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް 3 ކުންފުންޏާ އެކު އެއްބަސް ވެފައިވާނޭ ކަމަށާއި މިގެ އިތުރުން ކޯވިޑް-19ގެ މަސައްކަތުގައި ހިމެނޭ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގޭނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރ އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދަ ދެއްވާފައި ނޯންނާނެ ކަަމަށެވެ.