އަޅުވެތިކަމަށް ހުށަހެޅޭފަދަ އެގްރީމެންޓްތަކުގައި ސޮއިކުރާއިރު އެއީ ޚިޔާނާތަކަށް ނުވޭތޯ ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ފާޑު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދުގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލުމާއި ގުޅިގެންނެވެ.
ޝިޔާމު ވަނީ ޑރ.ޒިޔާދުގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ. މި ގޮތުން ޕީޖީއާއި އޭސީސީއަށް ޓެގުކުރައްވައި ޝިޔާމު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.ޒިޔާދަކީ ފަސްބައި ސާފު ބޭފުޅެއްކަމަށެވެ. އަދި ޑރ.ޒިޔާދަކީ ޤައުމަށް އިޚުލާސްތެރި ބޭފުޅެއްކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.
އޭގެއިތުރުން ޝިޔާމުވަނީ މިނިވަން ދަޢުލަތެެއްގެ މިނިވަންކަން ގެއްލުވައިލަން މި ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ރާއްޖެ އަޅުވެތިކަމަށް ހުށަހެޅިގެންދާ ފަދަ ނުރައްކާތެރި އެގްރީމެންޓްތަކުގައި ސޮއިކުރެވިގެންދާއިރު އެކަންކަން ޚިޔާނާތަކަށް ނުވަނީތޯ ވެސް ސުވާލުކުރެއްވިއެވެ.
”މިނިވަން ދަޢުލަތެެއްގެ މިނިވަންކަން ގެއްލުވައިލާ އަޅުވެތިކަމަށް ހުށަހެޅިގެންދާވަރުގެ ނުރައްކާތެރި އެގްރީމެންޓްތަކުގައި ސޮއިކުރެވިގެންދާއިރު އެކަންކަން ޚިޔާނާތަކަށް ނުވަނީތޯ! ޑރ.ޒިޔާދު ބާޤިރަކީ ފަސްބައި ސާފު ޤައުމަށް އިޚުލާސްތެރި ބޭފުޅެއް.“ (ޝިޔާމް)
މި މޭރުމުން ޝިޔާމު ވާހަކަދައްވައި ޑރ.ޒިޔާދު ދިފާޢުކުރައްވާފައިވާއިރު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމާއި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.ޝަހީމް ވެސް ވަނީ ޑރ.ޒިޔާދު ދިފާޢުކުރައްވައި ވާހަކަދައްކަވާފައެވެ. އެ ދެބޭފުޅުން ވެސް ވިދާޅުވި ގޮތުގައި ޑރ.ޒިޔާދަކީ އިޚުލާސްތެރި ނަޒާހާތްތެރި ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ތިބި ކޮއްމެ އިޚުލާސްތެރި ސާދާސީދާކޮއްމެ މީހަކީވަގެށްހިޔާނާތް ތެރިއެށް އެހެން އެވަނީކީއްވެތޯ? ކޮއްމެ ވަގަކަށް ވެސްހީވާނީ ތިމާމެންނޫނީ ދެންތިބޭނީ ހުސްވަގުންނޭ