އިންޑިއާގެ ޑްރާމާ ސިލްސިލާ ބާލިކާ ވަދޫގެ ޑައިރެކްޓަރ ރާމް ވްރިކްޝާ ގައުރް، އުތްރަޕްރަދޭޝްގެ އަވަށެއް ކަމަށްވާ އާޒަމްގަރުގެ މަގުމަތީ ތަރުކާރީ ވިއްކުމުގެ މަސައްކަތް ފަށާއިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ވްރިކްޝާ ވަނީ އިންޑިއާ ފުރަބަންދު ކުރުމުގެ ކުރިން އާޒަމްގަރްއަށް ފިލްމެއްގެ މަސައްކަތުގައި ގޮސްފައެވެ. އެހެން ނަމަވެސް އެގައުމު ފުރަބަންދު ކުރުމާއި ގުޅިގެން ފިލްމު ތަކުގެ މަސައްކަތް މެދުކެނޑުނު ހިސާބުން އޭނާއަށް ވެސް ވަނީ އެކަމުގެ އަސަރު ފޯރާފައެވެ. މިއާއި އެކު އާމްދަނީ ހޯދުމަށް ޑައިރެކްޓަރު ތަރުކާރީ ވިއްކުމުގެ މަސައްކަތް ފެށީކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ވްރިކްޝާއާއި ހަވާލާދީ، އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، ތަރުކާރީ ވިއްކުމުގެ މަސައްކަތަކީ އޭނާގެ ބައްޕަ ވެސް އާމްދަނީ ހޯދުމަށް ކުރި މަސައްކަތެއް ކަމަށާއި، ތަރުކާރީ ވިއްކުމުގެ މަސައްކަތް ކުރުމަށް އޭނާ ލަދު ނުގަންނަކަމަށެވެ.
ނޫސްތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ އޭނާ މުމްބާއީއަށް ބަދަލުވީ 2002 ވަނަ އަހަރު ކަމަށާއި، އޭނާއާއި އެކު އޭނާގެ ގާތް އެކުވެރިޔާ ކަމަށްވާ، ޝަހްނަވާޒް ޚާންގެ އެހީތެރި ކަމާއި އެކު ކަމަށެވެ. އަދި އޭނާ ފުރަތަމަ މަސައްކަތް ކުރީ ފިލްމު ތަކުގެ ލައިޓިންގ ހެދުމުގެ ޑިޕާޓްމަންޓުގައި ކަމަށާއި، އަދި އޭގެ ފަހުން ޑްރާމާ ތަކުގެ ޕްރޮޑަކްޝަން ޑިޕާޓްމަންޓުން ޖާގަ ލިބެން ފެށިކަމަށެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ، ގިނަ ޑްރާމާ ތަކުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ މަގާމު އަދާ ކޮށްފައިވާނެ ކަމަށާއި، އަދި ގިނަ މީހުން އޭނާ ބަލައިގަންނަން ފެށީ ބާލިކާ ވަދޫގެ އެޕިސޯޑްތައް އޭނާ ޑައިރެކްޓު ކުރަންފެށި ހިސާބުން ކަމަށެވެ.