ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިިފިއެވެ.
ވިޔަފާރިވެރިންގެތެރެއިން ހަތްދިހަ ފަރާތާއި ޝިޕިންގ އެޖެންސީތަކާއި ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނީ “ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު“ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހު އުވާލާފައިވާ ކަމަށެވެ. އަދި އެ ޤަވައިދު އުވާނުލައި އޮތްއިރުގައި އެ ޤަވާއިދު ތަންފީޒުކުރަން ޓްރާންްސްޕޯޓު މިނިސްޓްރީން އެއްވެސް ކަމެއްކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ.
އެ ގޮތުން އެކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު އެ ޤަވާއިދު އުވައިލުމުގައި މައްސަލަތަކެއް ފާހަގަކުރެވޭކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ޤަވާއިދު ތަންފީޒުނުކުރެވޭތީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް އެންގިކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީ ހަދަންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބާޠިލްކުރުމަކީ މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާގޮތަށް ނިންމޭނެ ކަންކަމެއްނޫންކަމަށާއި ނަމަވެސް “ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު“ ބާޠިލުކޮށްފައިވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން ފާސްކުރުމެއްނެތި ކަމަށާއި އަދި އެ ކަމަކީ ބޯޑުން ކުރަންޖެހޭކަމެއްކަމަށް ވެސް ބުނެފައިވެއެވެ.
މި ގޮތުން ބޯޑުން ފާސްނުކުރަނީސް މިނިސްޓަރު ނަހުލާ “ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު“ އުވައިލެއްވީ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވުމަށްކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.