އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާ ތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ތ. މަޑިފުށީގެ އިތުރުން ގދ. ތިނަދޫގައި ހިންގި އޮޕަރޭޝަންތަކުގައެވެ.
މި ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 38 އަހަރުގެ 2 މީހަކާ 34 އަހަރުގެ މީހަކު އެ ރަށުގައި ހިންގި އޮޕަރޭޝަނުގައި ދިވެހި 3 ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ.
މި 3 މީހުން ހައްޔަރުކޮށް އެރަށު 3 ގެއެއް ބަލައި ފާސްކުރި ކުރުމުން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 3 ރަބަރު ޕެކެޓާއި 15 ސެލޯފިންކޮޅު ފެނިފައިވެއެވެ.
ކުޑަހުވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިކުރުމުން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމުން އެމީހާ ވަނީ ހައްޔަރު ކޮށްފައިވެއެވެ.
މީގެ އިތުރުން މި ސެޕްޓެމްބަރ 27 ވަނަ ދުވަހު މަޑިފުށި ޕޮލިސް ސްޓޭޝަނާ އެ އަތޮޅު ދިޔަމިގިލި ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދިޔަމަގިލިން 36 އަހަރުގެ ދިވެހި ފިރިހެނެ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ 28 ވަނަ ދުވަހު ގދ. ތިނަދޫގައި ހިންގި އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއެވެ.
އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި، 23 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކުގައި އަތުލައި ގަނެފައިވާ މީހުންނާއި ތަކެތިކަން ފަހަގަ ކުރަމެވެ.