ކޮންމެ މީހަކުވެސް އެ މީހެއްގެ ހިތަށް އަނިޔާވާ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމަށް ހެލްތު މިނިސްޓަރުކަމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެންފައިވާ ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ހިތުގެ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމަށް ކަމަށާއި އުފާވެރި ހަޔާތެެއް ލިބުންވަނީ ދުޅަހެޔޮ ހިތަކާއި އެކުގައި ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި މުޅި ދުނިޔެ ވެސް ގުނަމުން އަންނަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.
އެ ގޮތުން މިފަދަ ދުވަސްވަރެއްގައި ރަނގަޅު ސިއްހަތެއްގައި ތިބެން މަސައްކަތްކުރަންޖެހޭކަމަށާއި އެ ގޮތުން ކަސްރަތުކުރުމާއި ރަނގަޅު ކާނާކެއުމާއި ހިތްހަމަޖެހުން ލިބިގަންނަންޖެހޭކަމަށް ވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.