ސުޝާންތް ސިންގ ރާޖްޕޫތްގެ މަރުގެ މައްސަލައިގެ ތަހުގީގު ތެރެއިން ފެންމަތިވި މަސްތުވާ ތަކެތީގެ މައްސަލައިގައި އިންޑިއާގެ ގިނަ ފިލްމީ ދާއިރާގެ މީހުންނާއި އަންނަނީ ސުވާލު ކުރަމުންނެވެ. އަދި މަސްތުވާ ތަކެތީގެ މި މައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ވަނީ އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މަސްތުވާ ތަކެތީގެ މައްސަލަ އެންސީބީ އިން ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ދުވަސް ކޮޅެއް ކުރިން ވަނީ މައްޝޫރު ފިލްމީ ބަތަލުން ކަމަށްވާ، ދިޕިކާ، ސާރާ އަދި ޝްރައްދާ ވެސް ތަހުގީގަށް ހާޒިރު ކޮށް ސުވާލު ކޮށްފައެވެ. އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން އެންސީބީގެ އޮފިޝަލަކު ބުނެފައި ވަނީ މި ތިން ތަރިންނަކީ، މަސްތުވާ ތަކެތި ވިއްކުމުގައި އުޅޭ މީހުންނާއި އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަމަށް މިހިސާބަށް ތަހުގީގަށް ފާހަގަ ވެފައި ވާކަމަށެވެ.
އެންސީބީއަށް ހާޒިރުކޮށް ދިޕިކާ އާއި ސުވާލު ކުރުމުން އޭނާ ވަނީ މަސްތުވާ ތަކެތި ބޭނުން ނުކުރާކަމަށް ބުނެފައެވެ. އޭނާ އެންސީބީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ 2017 ވަނަ އަހަރު އޭނާ މަސްތުވާ ތަކެތި ހޯދުމަށް ކުރި މެސެޖު ތަކެއް ތަހުގީގަށް ފެނުމުންނެވެ. މި މެސެޖުތައް ކުރިކަމަށް ދިޕިކާ އެއްބަސް ވެފައިވީ ނަމަވެސް އޭނާ ބުނެފައިވަނީ އޭނާ މަސްތުވާ ތަކެތި ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެންސީބީގެ ތަހުގީގުގައި ޝްރައްދާ އަދި ސާރާ ބުނެފައިވަނީ، އެ މީހުން ދުވަހަކުވެސް މަސްތުވާ ތަކެތި ބޭނުން ކޮށްފައި ނުވާނެ ކަމަށާއި، ނަމަވެސް ސުޝާންތް އާއި އެކު މަސައްކަތް ކުރިއިރު ލިބޭ ހުސްވަގުތު ތަކުގައި ސުޝާންތު މަސްތުވާ ތަކެތި ބޭނުން ކުރާ މަންޒަރު އެކި ފަހަރު މަތިން ފެނިފައިވާކަމަށެވެ. މީގެ އިތުރުން ޝްރައްދާ ބުނެފައި ވަނީ އޭނާ ޑްރަގްސް ބޭނުން ކޮށްފައިވާނީ، ސިއްހީ ބޭނުމަށް ކަމަށެވެ.
މި ތިން ތަރިން، މަސްތުވާ ތަކެތި ވިއްކާ މީހުންނާއި ގުޅުމެއް ނެތް ކަމަށް އެންސީބީ އިން ބުނިނަމަވެސް، ތަހުގީގަށް މި ތިން ތަރިންގެ ވެސް ފޯނު ވަނި ހިފަ ހައްޓާފައެވެ. އެންސީބީ އިން މިހާރު ދަނީ މި ތަރިންގެ ފޯނުން ކުރިން ކޮށްފައިވާ ކޯލު ތަކާއި ޑިލީޓު ކޮށްފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.