އިންޑިއާގައި ކުރިއަރަމުން އައި ޒުވާން ފިލްމީ ތަރި އަކްޝަތް އުތްކާޝް މަރުވެއްޖެއެވެ.
އޭނާ މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ދަންޖެހިފައި ހުއްޓާއެވެ. އެންޑީޓީވީގައި ރިޕޯޓު ކޮށްފައި ވާގޮތުގައި، އޭނާ ދަންޖެހިފައި ހުއްޓާ ފެނުނުނީ އޭނާ ގެ އެޕާޓްމަންޓް ހުންނަ ގޭގައި ދިރިއުޅެމުން ދިޔަ އަންހެނަކަށެވެ. އެ އަންހެން މީހާ އާއި ހަވާލާދީ ރިޕޯޓު ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭގަނޑު 11 ޖަހަންދެން ދެމީހުން އެކުގައި ވާހަކަ ދައްކަން ތިބި ކަމަށާއި، އުތްކާޝް، އެނބުރި އޭނާ ދިރިއުޅޭ އެޕާޓްމަންޓައް ދިއުމުން، އަންހެން މީހާ ފާހާނާ އަށް ވަން އިރު ފާހާނައިގެ ކުޑަ ދޮރުން އުތްކާޝް ދަންޖެހިފައި ހުރި މަންޒަރު ފެނުނު ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ އާއިލާއިން ބުނަމުން ދަނީ އުތްކާޝް އަމިއްލައަށް މަރުވީ ނޫން ކަމަށާއި، ބަޔަކު އޭނާ މަރާލީ ކަމަށެވެ. އަދި އެގައުމުގެ ފުލުހުން އެކަމާއި މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އާއިލާ އާއި އެކު ވާހަކަ ވެސް ދައްކާފައި ނުވާ ކަމަށެވެ. މުމްބާއީގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އުތްކާޝް ގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު ހަށިގަނޑު އާއިލާއާއި ހަވާލު ކޮށްފައި ވާކަމަށާއި، އޭނާ އަމިއްލަ އަށް މަރުވީ ކަމަށް ޕޯސްޓްމޯޓަމް އިން ދައްކާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެއަށް ބަޔަކު ގަދަކަމުން ވަން ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މަރާއި އެކު އިންޑިއާގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެމީހުން ބުނަމުން ދަނީ ސުޝާންތުގެ މަރަށް ވީގޮތް އަދި ނޭނގިގެން އުޅެނިކޮށް، އިތުރު ތަރިއެއް ދަންޖެހިގެން މަރުވުމުން މިކަމުގައި ކޮންމެސް އެހެން ކަހަލަ ކަމެއް އުޅުމަކީ ގަބޫލް ކުރެވޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން މުމްބާއީގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ، އުތްކާޝް ދަންޖެހިގެން މަރުވި ކަމަށް ނިންމި ނަމަވެސް އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާނެ ކަމަށެވެ.