އިންޑިއާގެ މަސާޖު ކުރާ ތާކަށް ދިޔަ ސައިންޓިސްޓަކު މަސާޖް ޕާލާ ތެރޭ ރަހީނުކޮށްފިއެވެ.
އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ރަހީނު ކޮށްފައިވަނީ، ދިފެންސް ރީސާޗް އެންޑް ދިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި މަސައްކަތް ކުރަމުން އަންނަ އުމުރުނ 35 އަހަރުގެ ސައިންޓިސްޓެކެވެ. އޭނާ ރަހީނު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި، ރަހީނުކުރި މީހުން އޭނާ ދޫކޮށްލާނީ 10 ލައްކަ ރުޕީސް ދިނުމުން ކަމަށް ވަނީ ބުނެފައެވެ. އަދި ފައިސާ ހޯދުމަށް އޭނާގެ އަންހެނުންނަށް ގުޅާ ބިރު ދެއްކި ކަމަށާއި، ފުލުހަށް މައްސަލަ ހުށައަޅާފިނަމަ އޭނާގެ ފިރިމީހާ މަރާލާނެ ކަމަށް ބުނިކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
5 މީހުންވެގެން ރަހީނު ކުރި ފިރިހެން މީހާ މަސާޖު ޕާލާތެރޭ 24 ގަޑިއިރު ހޭދަ ކުރިއެވެ. ފުލުހުން އޭނާ ހޯދީ، 14 ގަޑިއިރު ވަންދެން އޭނާގެ އަންހެނުން ފައިސާ ހޯދުމަށް ކުރިމަސައްކަތް ނާކާމިޔާބު ވުމުން އެންމެ ފަހުން ފުލުހަށް މައްސަލަ ހުށައެޅުމުންނެވެ. ފުލުހުން ވަނީ އެފިރިހެން މީހާގެ ފޯނު ޓްރެކް ކޮށް، ހޮޓާ ހޯދާފައެވެ. އަދި ރަހީނު ކުރި މީހުންނަށް އޭނާގެ އަންހެނުން މެދުވެރިކޮށް ގުޅާ ފައިސާ ހިފައިގެން ހޮޓާ ކައިރީ ހުރިކަމަށް ވަނީ ބުނުވާފައެވެ. ފުލުހުން ވަނީ ރަހީނު ކުރި މީހުން ފައިސާ ބަލާ އައުމުން ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ރަހީނު ކުރި މީހުންގެ ތެރެއިން ދެމީހަކު ވަނީ ފިލާފަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓު ތަކުން ބުނެފައިވަނީ، މި 5 މީހުންނަކީ މީގެ ކުރިންވެސް މިކަހަލަ ކަންކަން ކުރި މީހުން ކަމަށާއި، މި މީހުންނަކީ އެއްވެސް ގޭންގ އަކަށް ނިސްބަތްވާ ބައެއްތޯ ބެލުމަށް މިހާރު ތަހުގީގު ފަށާފައި ވާކަމަށެވެ.