ކޮވިޑާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓު ރިޕޯޓުން ފެންމަތިވެފައިވާ މައްސަލަތައް ދިރާސާކުރަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފިއެވެ.
އެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެ މަތީ އަގެއްގައި ދަޢުލަތުން ބައެއްތަކެތި ގަނެފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
އެ ގޮތުން ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް 16 ރުފިޔާއަށް ހަކުރުކިލޯއެއް ގަނެފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ގެސްޓު ހައުސްތަކުގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުނުކޮށް ބިލްތަކަށް ފައިސާދައްކާފައިވާ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެއެވެ.
މި ގޮތުން އެ ރިޕޯޓުން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކުރަމުން އަންނަކަމަށާއި އެއަށްފަހު ވަކިވަކި މައްސަލަތައް ތަޙުޤީޤުކުރުމާމެދު ގޮތެއް ނިންމާނެކަމަށާއި އެ ކަމުގައި ވަކިގޮތެއް އަދި ނުނިންމާކަމަށް ވެސް އޭސީސީން ބުނެއެވެ.
އެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެ އިދާރާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
މި ގޮތުން އެންޑީއެމްއޭއިން ވަނީ އޮޑިޓު އޮފީހުން ބަލަންވާ މިންވަރަށް ނުބަލައި ރިޕޯޓު ހަދާފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން ބައެއް ތަކެތި ހޯދުމުގައި ވީހާވެސް އަވަސްގޮތެއްގައި އެ ތަކެތި ހޯދޭނެ ގޮތްތައް ބެލިކަމަށާއި އެ ގޮތުން ބައެއްކަންކަން އޮޅުންބޮޅުންވެފައިވާކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.