ކޮވިޑް ނުފެތުރޭ ރަށްރަށުގެ މަދަރުސާތަކުގައި އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރަށް ކިޔަވައިދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކިޔަވައިދެމުން އައީ އެންމެ ހަތަރު ގަޑިއިރަށް ކަމަށެވެ. ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރަށް ކިޔަވައިދޭން ނިންމާފައިވާކަމަށް ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
މި ގޮތަށް ނިންމެވީ މަދަރުސާތަކުގައި ދަރިވަރުން ހޭދަކުރާ ވަގުތު އިތުރުކުރުމަށްޓަކައި ކަމަށް ވެސް ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ ހަފުތާއިން ފެށިގެން މާލެ ސަރަހައްދުގައި ކީސްޓޭޖު ހަތަރަކާއި ފަހަކަށް ކިޔަވައިދޭން ނިންމާފައިވާއިރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އެ ގޮތަށް ނިންމަވާފައިވަނީ ވަރަށް ގިނަ ކަންކަމަށް ބެއްލެވުމަށްފަހު ކަމަށެވެ.
މަދަރުސާތައް ހުޅުވައިލަން ނިންމާފައިވާކަން ފާހަގަކުރައްވާ ޑރ.ޢާއިޝަތު ޢަލީ ވަނީ މަދަރުސާތައް ހުޅުވުމުގެ ކަންކަން ކުރިއަށްދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި އެ އެޖެންސީއާއި ވަރަށް ގާާތުން މަސައްކަތްތައް ކުރެވެމުން އަންނަކަމަށް ވެސް ވިދާޅުވެފައެވެ.