އައްޑޫ ސިޓީން ގިނަ ޢަދަދެއްގެ ބިދޭސީން ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ސިޓީގައި ބަލީގެ ނުރައްކާތެރިކަމެއް ނެތްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން(އެޗްއީއޯސީ) ބުނެފިއެވެ.
އައްޑޫ ސިޓީގައި ޤާއިމުކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތްތައް ކުރުމަށް އިންޑިއާއިން އައި 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެ 53 މީހުންނަކީ ވެސް ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލްތަކުގެތެރެއިން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅުކަމަށާއި އެއިން އެއްވެސް މީހެއްގެ ކިބައިން ޢަލާމާތެއް ނުފެންނަކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވަނީ އެ އެންމެންނަކީ ވެސް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވެފައިވާ މީހުންކަމަށްވާތީ އެ މީހުންނާއި އިތުރު މީހަކާއި ބައްދަލުނުވާކަން ފާހަގަކުރައްވާފައެވެ. އެެ ގޮތުން އައްޑޫ ސިޓީގައި އިތުރު ނުރައްކަލެއް ނެތްކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އައްޑޫ ސިޓީން މި 53 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 44 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވަނީ އިއްޔެގެ ހަވީރު 18:00 އާއި މިއަދުގެ އެ ވަގުތާއި ދެމެދުގައެވެ. އޭގެ އިތުރުން 09 މީހުން ޕޮޒިޓިވްވެފައިވަނީ މިއަދުގެ ހަވީރު 18:00 ގެ ފަހުންކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.