އިންޑިއާގައި ކޯވިޑް 19 ފެތުރެން ފެށުމުން ސަރުކާރުން ބަންދު ކުރި ސިނަމާތައް އޮކްޓޯބަރު 15 ގައި ހުޅުވުމުގެ ހުއްދަ އެގައުމުގެ ހޯމް މިނިސްޓްރީއިން ދީފިއެވެ.
އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ސިނަމާތައް ހުޅުވަން ހުއްދަ ދީފައިވީނަމަވެސް ސިނަމާތަކަށް ވަދެވޭނީ ގިނަވެގެން އެސިނަމާއެއްގެ %50 ގޮނޑި އަށެވެ. އަދި ސިނަމާތައް ތެރޭ ގައިދުރު ކޮށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އިންޑިއާގެ ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ސިނަމާތައް އެންމެ ފުރަތަމަ ބަންދުކުރީ އެގައުމުގައި ކޯވިޑް 19 ގެ ކޭސްތައް ފެނުމުން މާރޗް މަހުގެ 14 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ފަހުން ސިނަމާތައް އެއްކޮށް ބަނދުކުރީ އެގައުމު ފުރަބަންދަކަށް ދިއުމުންނެވެ. ސިނަމާތައް ބަންދު ކުރި އިރު ގިނަ ފިލްމުތަކެއް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބާގީ 3 އަދި ލަވް އާޖްކަލް ފަދަ ފިލްމު ތައް ވެސް ހިމެނެއެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީއިން ސިނަމާތައް މިމަހުގެ 15 ގައި ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް، އިންޑިއާގެ މަހަރާސްތްރަ އަވަށުގެ ސަރުކާރުން ބުނެފައިވަނީ، ސިނަމާތައް އަލުން ހުޅުވާނީ، އޮކްޓޯބަރު މަހުގެ 31 ގައި ކަމަށެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓް އެއް ކަމަށްވާ، ބެންގާލްގެ ސަރުކާރުން ބުނެފައިވަނީ، މިއަދުން ފެށިގެން ސިނަމާތައް ހުޅުވާނެ ކަމަށެވެ.
އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާއިރު، ގިނަ ފިލްމު ތަކެއް ވަނީ ނެރުމަށް ހަމަޖެހިފައެވެ. އަދި ބައެއް ފިލްމުތައް ވަނީ ސިނަމާތައް ބަންދު ކުރުމުގެ ސަބަބުން މިއަންނަ އަހަރަށް ފަސްކޮށްފައެވެ. އެންމެ އަވަހަށް ސިނަމާތަކުގައި އަޅުވާނެ ކަމަށް އަޑި ފެތުރިފައިވަނީ ސޫރިޔަވަންޝީ އެވެ.