ލ.ގަމު ތުނޑީ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި އެ ރަށު ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާސް ބަންދުން ދޫކޮށްލަން ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ކުރި ޢަމުރު ހައިކޯޓުން ބާޠިލްކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން މީގެ ކުރިން ވަނީ މި އަހަރުގެ މާޗު މަހުގެ 22 ވަނަދުވަހުގެ ފަތިހު 03:54 ހާއިރު ލ.ގަން ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އިނާސްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އިނާސްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި ހެކި ނައްތައިލާފާނެކަމަށް ބެލެވުމުން އެ ކަން ބަޔާންކޮށް މި އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުއްދަތަކަށް އެދި ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
އެ ގޮތުން އެ މައްސަލައިގައި ބަންދަށް ލުއިދިނުމާމެދު ޝަރީޢަތުން ހުށަހަޅާފައިވާ ޝަރުތުތަކަށް އިނާސް އިޢުތިރާފުވެފައިވާތއާއި މިހާތަނަށް އިނާސްގެ މައްޗަށް ލިބިފައިހުރި ހެކިތަކާއި ޤަރީނާތަކާއި އޭނާގެ ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އެހެންނަމަވެސް ޕީޖީން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ.
މި ގޮތުން އެ މައްސަލައިގައި ހައި ކޯޓުން އިއްޔެކުރި ޙުކުމްގައި ވަނީ އިނާސް ބަންދުން ދޫކޮށްލަން ގަމު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް އިނާސް ބަންދުގައި ބެހެއްޓުމަށް އެދި ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ މައްސަލައިގައި ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް އިނާސްގެ ބަންދާމެދު އަލުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅާފައެވެ.
އިނާސް ދޫކޮށްލަން ކުރި ޢަމުރު ހައިކޯޓުން ބާޠިލްކޮށްފައިވާއިރު މި މައްސަލައިގައި ލ.ގަން ތުނޑި/ލަވްސައިޑް ޢަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ދަޢުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޙުކުމެއް އަންނާނެއެވެ.