ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ މިސްކިތް ރާއްޖޭގައި އިމާރާތް ކުރައްވާނެ ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، ކަނޑު އަޑީގައި އަޅުއްވާ މިސްކިތަކީ ދާދި ފަހުން އަވަހާރަވި ކުވައިތުގެ އަމީރު ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ހަނދާނުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތެއް ކަމަށާއި، އެމިސްކިތައް ނަންދެއްވާނީވެސް ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަމުން ކަމަށެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ ދުނިޔޭގެ މުސްލިމް ގައުމު ތަކުގެ މެދުގައި ސުލްހައިގެ ގިނަ މަސައްކަތް ތަކެއް ކޮށްދެއްވި ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް ނިޔާވުމުން އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން މި މިސްކިތް އެޅޭނެ ކަމަށާއި، މިއީ ދުނިޔޭގައި އެޅޭނެ މިފަދަ ފުރަތަމަ މިސްކިތް ކަމަށެވެ.ޖާބިރު ވިދާޅުވީ މިސްކިތުގެ ނަން ކުވެއިތުގެ އަމީރަށް ހާއްސަ ކުރެވުނީ، ކުވެއިތުގެ އަމީރަކީ މުޅި އިސްލާމީ އުންމަތަށް ހެޔޮ ބޭފުޅަކަށް ވުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ކުވެއިތުގެ އަމީރު ސަބާހް އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ.