އެމްއެމްޕީއާރްސީގެ މައްސަލައިގައި ސުވާލު އުފެދެނީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްގެ ނިޔަތާމެދުކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތަކީ ޤައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ސާފުކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވަނީ އެ ޚިޔާނާތަކީ ރައީސް ޔާމިނު މުގުލުގައި ހުންނަވައިގެން މާދުރުން ރޭވިގެން އައިސް ހިންގާފައިވާ ޚިޔާނާތެއް ކަމަށް ވިދާޅުވެފައެވެ. އަދި ޚިޔާނާތުގެ ފައިސާއިން ވަރަށް ގިނަ ފަރާތްތަކަށް މަންފާ ލިބިފައިވާކަމަށް ވެސް އަދީބު ވިދާޛުވެފައިވެއެވެ.
ޑރ.ޖަމީލު ވިދާޅުވީ ޕީޖީ ޝަމީމްގެ ނިޔަތާމެދު ސުވާލު އެއީ އަދީބު ކުރީގެ ވަކީލުކަމަށް ވާތީ ކަމަށެވެ.
އޭގެ އިތުރުން ޖަމީލް ވަނީ އަދީބަކީ މި ޚިޔާނާތުގައި އިސްކޮށް ހުންނެވި އަދީބު އާއި އެއްކޮށް ޝަމީމް އެއްބަސްވެވަޑައިގަތުމުގެ ޑީލަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި މި މައްސަލައިގައި ޕީޖީން ގޯސް މައްޗަށް ގޯސް ހަދާފައިވާކަަމަށް ވެސް ޖަމީލު ތުހުމަތުކުރެއްވިއެވެ.
”އެމްއެމްޕީއާރުސީ ޚިޔާނާތަކީ ޤައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ސާފު, ސުވާލު އުފެދެނީ ޕީޖީގެ ނިޔަތާމެދު, އެއީ މުއްތަހަމުގެ ކުރީގެ ވަކީލު. ކުށުގެ މާސްޓާމައިންޑާއެކު އެއްބަސްވުމުގެ ޑީލަކީ ކޮބާ؟ އިސްމުޖުރިމާއެކު ޑީލް ހެދުމުގަ ޤާނޫނީ ސުވާލުތަކެއް ނެތްތޯ؟ ގޯސް މައްޗަށް ގޯސް“ (ޖަމީލު)
ޖަމީލް މިހެން ވިދާޅުވެފައިވާއިރު, އެ މައްސަލައިގައި އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް މަސައްކަތްކުރައްވާފައިވާތީ މީގެކުރިން އެ މައްސަލަ ވަނީ ބާ ކައުންސިލަށް ވެސް ހުށަހަޅާފައެވެ.
ނަމަވެސް ޝަމީމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ ވަކީލެއްގެ ގޮތުން މަސައްކަތްނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.