ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓިކް ސެންޓަރު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ގާއިމުކުރި ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާ ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެކެވެ.
އެ ސެންޓަރުން ޑޮކްޓަރަށް ދެއްކުމާއި ހަކުރުބައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ މީހުންގެ ކެއުން ބަހައްޓާނެ ގޮތާ މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ.
ބަލި މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެއެވެ.
މުސްތަޤްބަލުގައި އެ ސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމަންޓް ހައްދާފައިވާ މީހަކަށް މެސެޖެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.