ލިބިފައިވާ ޖިންސީ, ޖިސްމާނީ އަނިޔާތަކާގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ.ތިނަދޫ/ތޭންކް, ޒިޔާދާ ނަޢީމް ރޭޕްކުރި މައްސަލަ ސާބިތުވާކަމަށް ނިންމައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް މިއަދު ކުރެވުނު ޙުކުމަކީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިންމު ފިޔަވަޅެއްކަމަށް
ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ހައިކޯޓުން ޝާހުގެ މައްޗަށް މިއަދު ކުރެވުނު ޙުކުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޙުކުމް ކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނުގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމަކީ ޤާނޫނު ބަލައިގަންނަ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް މި ޙުކުމަކީ ރާއްޖޭގެ ތާރީޚުގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމުގައިވުމުން މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކަކީ އެ މިނިސްޓްރީން ބަލައިގަންނަކަމެއްކަން ފާހަގަކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ޝާހުގެ މައްޗަށް ދައުލަތުން ވަނީ ހަތަރު ދަޢުވާއެއް އުފުލާފައެވެ.
އެ ގޮތުން ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދަޢުވާއާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ ޢަމަލެއްކުރުމުގެ ދަޢުވާއާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ދަޢުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާ ޝާހުގެ މައްޗަށް އުފުލާފައިވެއެވެ.
މި ގޮތުން މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދަޢުވާ ސާބިތުވެ 03 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވަވާފައެވެ.