އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައަކާ ގުޅިގެން 2 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ޖޫރިމަނާކޮށްފައި ވަނީ ސ.މަރަދޫ / ފަތިހަށްފޮޅޭމާގެ، ޢަލީ ނިމާލާއި ސ.މަރަދޫ / ގުލްފާމްގެ، އަޙްމަދު އަނަސް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހަމަކުރެއެވެ.
މި 2 މީހުން ޖޫރިމަނާކޮށްފައި ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މި މަހުގެ 13 ވަނަ ދުވަހު ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލި ނެގި މައްސަލައާ ގުޅިގެން 500 ރުފިޔާ އިން ޖޫރިމަނާކުރިއެވެ.
މިފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ، ޖޫރިމަނާގެ ފައިސާ މަރަދޫ އަވަށު އޮފީހަށް 10 ދުވަސް ތެރޭ ދެއްކުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މިއެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމަށެވެ.