ޔަޝްރާޖް ފިލްމްސްއަށް ރަން 50 އަހަރު ފުރިގެންދާއިރު ޔަޝްރާޖް ފިލްމްސްއާއި ހަވާލުވެގެންހުރި ޔަޝް ޗޯޕްރާގެ ދަރި ކަމަށްވާ އަދިތްޔާ ޗޯޕްރާވަނީ މި މުނާސަބަތާ ގުޅިގެން އެކިކަހަލަ ޕްރޮޖެކްޓްސްތައް ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި އޭނާގެ ބައްޕަގެ ބަޔޯ ޕިކްއެއް ހެދުންވެސް ހިމެނެއެވެ.
މި ބަޔޯ ޕިކް އާއި ބެހޭގޮތުން މާގިނަ މައުލޫމާތު އަދި އެނގެން ނެތަސް އަދިތްޔާ ޗޯޕްރާ މިކަމާއި މެދު ސީރިއަސްކޮށް ވިސްނާކަމަށްވެއެވެ. އަދި އަދިތްޔާ އާއި އޭނާގެ ބައްޕަ ޔަޝް ޗޯޕްރާ ފިލްމް އިންޑަސްޓްރީގެ ތެރެއިން އެންމެ ހިތްއެދޭ މީހަކަށް ޝާހްރުކް ވާއިރު، ޔަޝް ޗޯޕްރާގެ ރޯލް އެންމެ ރަނގަޅަށް އަދާކުރެވޭނީ ޝާހްރުކް އަށް ކަމަށް އަދިތްޔާ ގަބޫލުކުރެއެވެ.
އަދި ރަން 50 އަހަރު ފާހަގަކުރުމަށްޓަކައި ހިންގޭ އާ ޕްރޮޖެކްޓު ތަކުގެ ތެރޭގައި ޔަޝްރާޖް ފިލްމްސް އިން އާ ހުނަރުވެރި ފަންނާނުން ނެރެންވަނީ ގަސްތުކޮށްފައެވެ. އަދި އޭގެ ތެރޭގައި ރަންވީރު ސިންގް އާއި ޕަރިނީތީ ޗޯޕްރާ ހިމެނެއެވެ. ޔަޝް ޗޯޕްރާއި ވަރަށްގާތް މީހަކާއި ހަވާލާދީ އިންޑިޔާގެ މީޑިޔާއިން ބުނިގޮތުގައި ކުރިއަށްތުރެ ގިނަ ހުނަރުވެރި ފަންނާނުން، ކައިރި މުސްތަޤްބަލުގައި ޔަޝްރާޖް ފިލްމްސް އިން ފެނިގެންދާނެ ކަމަށްވެއެވެ.
އެހެންނަމަވެސް، މިޚަބަރު އިންޑިޔާގެ މީޑިޔާ ތަކުގައި ދައުރުވާން ފެށުމާއެކެ ޔަޝްރާޖް ފިލްމްސްގެ ތަރުޖަމާނު ބުނެފައިވާގޮތުން މި ޚަބަރަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ދޮގު ޚަބަރެކެވެ. އަދި ޔަޝް ޗޯޕްރާގެ ބަޔޯ ޕިކްއެއް ހެދުމަށް ގަސްދު ނުކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.