ކޮވިޑުގެ އާލަމީ ވަބާއާއި ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެފައިވިޔަސް މ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އެންމެ އިސްސަފުގައި ތިއްބެވީ އަންހެން ބޭފުޅުންކަމަށް ޖެންޑަރ މިިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި ”ފޯރތް ވަރލްޑް ކޮންފަރެންސް އޮން ވިމެން“ އަށް 25 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢާއިޝަތު މުޙައްމަދު ދީދީ ކޮވިޑުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެންއީއޯސީ) ގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތަކުން ފެށިގެން ހަރަކާތްތެރިވާ ކަމަށެވެ.
އެ ގޮތުން ސާމްޕަލް ނެގުމާއި ޓެސްޓު ހެދުމާއި ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި ހިތްވަރުގަަދަ ޤާބިލު ކަނބަލުން ހަރަކާތްތެރިވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގައި ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިޢާޔަތްކޮށް އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްކުރަން ރޭވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ގޮތްނިންމާ މަރުހަލާގައި އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުންނާމެދު ކުރެވޭ ތަފާތުކުރުންތައް ނައްތައިލައްވަން މަސައްކަތްކުރަން ރޭވިފައިވާކަން ވެސް މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވަނީ ފާހަގަކުރައްވާފައެވެ.