އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން އެއްވެސް މިންވަރެއް ނުހޯދާ އަދަބަށް ލުއިދިނުމުގެ ގޮތުން އިޢުތިރާފުގެ އެއްބަސްވުން ހެދުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި, ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވަނީ އެ ބޭފުޅާގެ މައްޗަށް ދަޢުލަތުން އުފުލި ހަތް ދަޢުވާއަށް އިޢުތިރާފުވެވަޑައިގެން ރައްޔިތުންގެ ކިބައިން މަޢާފަށް ވެސް އެދިވަޑައިގަންނަވާފައެވެ. މި މައްސަލައިގެ ޝަރުޢީ މަރުހަލާގައި އެއްބާރުންލުންދިނުމަށް އަދީބުއާއި ދަޢުލަތާއި ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
މި ގޮތުން އުޝާމް ވިދާޅުވީ ތައުބާވެވަޑައިގެން މާފަށް އެދިވަޑައިގެންނެވުމަކީ ރިވެތި ސިފައެއްކަމަށެވެ. ނަމަވެސް ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެއްވެސް ފަރާތެއް އިސްތިސްނާނުކޮށް ޚިޔާނާތުގެ ފައިސާއިން ފައިދާ ލިބުނު ހުރިހައި ފަރާތްތަކެއްގެ ނަންތައް ހާމަކޮށްދިނުންކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ މި ޓްވީޓު ރީޓުވީޓު ކުރައްވަައި މުޢިއްޒު ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން އެއްވެސް މިންވަރެއް ނުހޯދާ އަދަބަށް ލުއިދިނުމުގެ ގޮތުން އިޢުތިރާފުގެ އެއްބަސްވުން ހެދުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މުޢިއްޒު ވަނީ ހޯދުން އެންމެ މުހިންމީ ޚިޔާނާތުގެ ފައިސާކަމަށާއި އެއިން މިހާތަނަށް އެއްވެސް އެއްޗެއް ހޯދިއްޖެތޯ ސުވާލުކުރައްވާފައެވެ. އަދި ގެއްލުމުގެ ބަދަލު ލިބެންޖެހޭނެކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މުޢިއްޒު މިހެން ވިދާޅުވިއިރު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އަދީބު ވަނީ ސިޔާސީ ހުރިހައި ޕާޓީތަކަށާއި މިނިވަން މުޢައްސަސާތަކަށާއި ޖުޑިޝަރީއަށާއި ޕާލިމަންޓަށާއި ވަރަށް ގިނަ ކަންތައްތަކަށް ސިޔާސީގޮތުން މަންފާކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އަދީބުގެ މި ވާހަކައާއި ގުޅިގެން އެމްޑީޕީންނާއި ޢަދާލަތު ޕާޓީންނާއި ޕީޕއެމްއާއި ޕީއެންީސީއަށް ވެސް އެއްޗެއް ލިބުނުކަމަކަށް ނުވެއެވެ.