ޕީޕީއެމްގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެ ކޯލިޝަންގެ ބޭފުޅުން މަގުމައްޗަށް ނިކުމެ ކޮވިޑު ޖެހިގެން މަރުވާން ބޭނުންވަންޏާ އެކަން ކުރަންވީކަމަށް އިބްރާހިމް އިސްމާޢީލް(އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް އިސްމާޢީލް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރަން ނިކުންނަން ޖެހިއްޖެކަމަށާއި ކޮވިޑުން ރައްކާތެރިވުމަށްޓަކައި ގޭގައި ތިބެވޭކަށް ނެތްކަމަށެވެ. އެ ގޮތުން ބިރުގަންނަންވީ ސަބަބެއް ނެތްކަމަށާއި ކޮވިޑު ޖެހިގެން ވެސް ވާނީ މަރު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވުމާއި ގުޅިގެންނެވެ.
މި ގޮތުން ޢަބްދުއްރަޙީމަށް ޓެގްކުރައްވައި އިބްރާހިމް އިސްމާޢީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢަބްދުއްރަޙީމްމެން ނިކުމެ ކޮވިޑު ޖެހިގެން މަރުވާން ބޭނުންވަންޏާ އެކަން ކުރަންވީކަމަށެވެ. ނަމަވެސް މަގުމައްޗަށް ނިކުމެ އެއްވެ ނޫޅެންވީ އެހެން މީހުންނަށް ކޮވިޑުޖެހޭނެތީ ކަމަށެވެ.
”އަދުރޭ މެން އަމިއްލައަށް ކޮވިޑްޖެހިގެން މަރުވާން ބޭނުމިއްޔާ އެކަންކުރޭ، ނަމަވެސް ނުނިކުންނާންވީ ސަބަބަކީ އެހެންމީހުންނަށް ވެސް އެ ޖެހޭނެތީ، އެ ނުފިލަނީސް މާލެ ބަންދުން އަހަރެމެން ނުފިލާނެތީ،
އެ ޖެހޭ މީހުންނަށް ފަރުވާދޭން އަހަރެމެން ޚަރަދުކުރަން ޖެހޭނެތީ، އެނގިއްޖެ!“ (އިބްރާހިމް އިސްމާޢީލް)
އިބްރާހިމް އިސްމާޢީލް މިހެން ވިދާޅުވިއިރު ޢަބްދުއްރަޙީމް ވަނީ ކޮވިޑުން ސަލާމަތްވާން ގޭގައި ތިއްބައި އެހެންބަޔަކު ރާއްޖެ ހިފައި ދިވެހި ރައްޔިތުން ނައްތައިލުމާއި ކޮވިޑު ޖެހިގެން މަރުވުމަކާއި އެއްވެސް ތަފާތެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.