އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެމަފިރިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ދެމަފިރިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވައިފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ އިތުރުން އަނބިކަނބަލުން މިލާނިއާ ޓްރަމްޕް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން ޕޮޒިޓިވްވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ކަރަންޓީނުވުމާއި ފަރުވާ ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ދެމަފިރިކަނބަަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ޓްރަމްޕްގެ އަރިހުގައި އިސްކޮށް މަސައްކަތްކުރައްވާ އެހީތެރިއެއްކަމަށްވާ ހޯޕް ހައިކްސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު އަމިއްލަފުޅަށް ކަރަންޓީނުގައި ތިއްބަވަނިކޮށެވެ.
މި ޚަބަރު އައްސަވައި ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އަޅުގަނޑާއި ފަޒްނާގެ“ ފަރާތުން ޓްރަމްޕްގެ ދެމަފިރިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.