އެމްއެމްޕީއާރްސީގެ ޖަރީމާ ހިންގީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެގެންކަމަށް އެއްވެސް މީހަކު ބުނާނަމަ އެ މީހަކު އެ މަޤާމަށް ކުފޫހަމައެއްނުވާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނިޝާން މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި އަދި އެކަން ކުރެއްވީ ރައީސް ޔާމިނު ވިދާޅުވެގެންކަމަށާއި އެ ޚިޔާނާތުގެ މުގުލުގައި ހުންނެވީ ވެސް ރައީސް ޔާމިންކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނިޝާން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވަކި ބަޔަކު ބުނެގެން ޖަރީމާ ހިންގުމަކީ ޤާނޫނު އަސާސީ ދަންނަކަމެއް ނޫންކަމަށެވެ. އަދި އެއީ ޒިންމާއިން ބަރީޢަވާނެ ދިފާޢުއެއް ވެސް ނޫންކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
މި ވާހަކަތައް ފާހަގަކުރައްވައި ނިޝާން ވަނީ އެމްއެމްޕީއާރްސީގެ ޖަރީމާ ހިންގީ ކުރީގެ ރައީސް ޔާމީން ވިދާޅުވެގެންކަމަށް އެއްވެސް މީހަކު ބުނާނަމަ އެ މީހަކު އެ މަޤާމަށް ކުފޫހަމައެއްނުވާކަމަށް ވިދާޅުވެފައެވެ.
ނިޝާންގެ މި ޓްވީޓަކީ އަދީބު ދެއްކެވި ވާހަކައަށް އަމާޒުކުރައްވާފައިވާ ޓްވީޓެއްތޯ ”ދި ޑެއިލީ“ އިން“ ކުރި ސުވާލުގެ ޖަވާބުދެއްވަމުން ނިޝާން ވިދާޅުވީ އެއީ ވަކި ބޭފުޅަކަށް އަމާޒުކުރައްވާފައިވާ ވާހަކައެއް ނޫންކަމަށެވެ.
އެމްއެމްޕީއާރްސީގެ ޖަރީމާއަށްފަހު ވެސް ކޮރަޕްޝަންގެ ޢަމަލުތައް އަންނަނީ ގިނަވަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މި ގޮތުން މާލޭ ސިޓީ މޭޔަރު އަލްހާން ވަނީ އެ ބޭފުޅާގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ކޮރަޕްޝަން ހުއްޓުވާނެކަމަށް ވިދާޅުވެފައެވެ.
އަލްހާނުގެ މި ވާހަކަތަކަށް ތާއީދުކުރައްވާ ނިޝާން ވަނީ ކޮރަޕްޝަނާއި ފަސާދައަކީ މި ޤައުމުގައި ވަރަށް ޒަމާންވީ ”މޫހިފާފައިވާ“ ކަންތައްތަކެއް ކަމަށެވެ. އަދި އެ ކަން މުލުން ލުއްސަވައިލެއްވުމަށް އަލްހާންގެ ވިސްނުންފުޅު ހާމަކުރެއްވުމަކީ ހެޔޮ ފާލެއްކަމަށާއި އެ ކަމަށް ތާއީދުކުރައްވާކަމަށް ވެސް ނިޝާން ވަނީ ވިދާޅުވެފައެވެ.