މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން ވަނީ ”މަރުވެފައި“ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އަނިޔާވެރި ގޮތަކަށް ޑރ.އަފްރާޝީމް ޤަތުލުކޮށްލިތާ 08 އަހަރު ފުރި އެ މައްސަލައަށް އެއްވެސް އިންސާފެއް ނުލިބޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ޓްވިޓަރގައި އާދަމް ޝަރީފް ވިދާޅުވީ އިންސާފު ހޯދައިދިނުމުގައިވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށެވެ.
އެ ގޮތުން މި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރުގެއްލިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން މި ފަދަ ކޮންމެ މައްސަލައެއްގައި އިންސާފު ހޯދައިދެވިފައިނުވާތީ, މަރު ކޮމިޝަނަކީ މި ސަރުކާރުގެ ނިވާފަތްގަނޑަކަށް ބޭނުންކުރާ ހަތިޔާރެއްކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
”ސަރުކާރު ވަނީ އިންސާފު ހޯދައިދިނުމުގައިވެސް ބޮޑުތަނުން ފެއިލްވެ ރައްޔިތުންގެ އިތުބާރުގެއްލިފައި, ނިވާފަތްގަނޑަކަށް މަރުކޮމިޝަން! ރައްޔިތުންގެ ލާރި ފޫނެއް ފަޔަކަށް އަޅަނީ! މަރު ކޮމިޝަން ”މަރުވެފައި“ (ޝަރީފް)
ޝަރީފް މިހެން ވިދާޅުވިއިރު ޑރ.އަފްރާޝީމްގެ މައްސަލައިގެ އިތުރުން, މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވައިލިތާ 06 އަހަރުވެފައިވާއިރު އެ މައްސަލަައަށް މިހާތަނަށް އިންސާފު ހޯދައިދެވިފަައެއް ނުވެއެވެ.
ހުސްވި އޮގަސްޓުމަހުގެ 08 ވަނަދުވަހު މަރު ކޮމިޝަނުން ވަނީ ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސް ޞާލިޙް ނިންމަވާފައިވާތީ ސެޕްޓެމްބަރުމަހުގެތެރޭގައި އެ ފަދަ މާހިރަކު ޢައްޔަންކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން ކުރިއަށްގެންދާކަމަށް ބުނެފައެވެ. އަދި ރައީސް ޞާލިޙް އެ ގޮތަށް ނިންމެވީ ހުސްވި ޖުލައި މަހުގެ 02 ވަނަ ދުވަހު ގެއްލުވާލާފައިވާ ރިޟްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއާއި ބައްދަލުކުރެއްވުމަށް ފަހުގައިކަމަށް ވެސް މަރު ކޮމިޝަނުން އޭރު ބުނެފައިވެއެވެ.
ނަމަވެސް ސެޕްޓެމްބަރު މަސް ނިމި އޮކްޓޫބަރު ފެށުނުއިރު ވެސް ރައީސް އެ ވިދާޅުވާ އިންވެސްޓިގޭޓަރެއްގެ ޚަބަރެއް އަދިވެސް ނުވާކަން ފާހަގަކޮށްލެވެއެވެ.