ހުޅުމާލޭ މަސް މާރުކޭޓް ހިންގުން ހަވާލުކޮށްފައިވަނީ ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާއި ޚިލާފަށްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.
މެންބަރު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ މަސް މާރުކޭޓު ހިންގުން ވަކި ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ބީލަމަށް ލައިގެންނޫން ކަމަށެވެ.
މީގެ އިތުރުން މެންބަރު ރަޝީދު ވަނީ ހުޅުމާލޭ މަސް މާރުކޭޓު ހިންގުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ ބިޑް އިވެލުއޭޓުކޮށްފައި ނޫންކަމަށް ވެސް ވިދާޅުވެފައެވެ.
”ހުޅުމާލޭ މަސްވެރި ކޮމިޔުނިޓީގެ ހައްޤުތައް ގެއްލޭ ގޮތަށް ބިޑް އިވެލުއޭޓް ކުރުމަކާނުލައި ގުޅިއެއްގެ ތެރެއިން ނެގި ގުރުއަތު ކަރުދާސްކޮޅުގައި އޮތް ކުންފުންޏަކާއި ހުޅުމާލެ މަސް މާރުކޭޓް ހިންގަން ހަވާލުކުރުމަކީ ކޯޕަރޭޓް ގަވަނަރންސް އާއި ޚިލާފު ކަމެކެވެ.“ (މެންބަރު ރަޝީދު)
މެންބަރު ރަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އެކަމާގުޅޭ ގޮތުން މަސްވެރިއެއްގެ ޝުޢޫރު ފާޅުކޮށްފައިވާ ވީޑިއޯއެއް ވެސް ހިމަނުއްވާފައެވެ.
ވީޑިއޯގައި ވާހަކަދެއްކި މަސްވެރިޔާ ވަނީ ހުޅުމާލޭ މަސް މާރުކޭޓް ހިންގުން އެޗްޑީސީން ވަކި ފަރާތަކާއި ހަވާލުކުރީ ވަކި މީހަކަށް ފައިދާއެއް ހޯދައިދިނުމަކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ އިތުރުން އެ ކަމަކީ މަސްވެރިންނަށް ގެއްލުންވާނެކަމެއްކަމަށް ވެސް އެ މީހާ ބުނެފައިވެއެވެ.