ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ ވަގުތުތަކަށް އެޗްޕީއޭއިން ބަދަލު ގެނެސްފިއެވެ.
ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށް ކޮންމެ ރެއަކުވެސް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ވޭތުވެދިޔަ އޮގަސްޓުމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށެވެ.
އޭގެ އިތުރުން ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް މަގުމަތީގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތައް މީގެ ކުރިން ކަނޑައެޅުމާއެކު ފުލުހުން އޭރު ބުނެފައިވަނީ މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންގެ ކަންކަން ބަލަމުންދާނެ ކަމަށެވެ.
އެ ގޮތުން ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ ކަމަށާއި ނަމަވެސް ދެވަނަ ފަހަރު ޖޫރިމަނާކުރާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެތެރެއިން ބައެއް ފިޔަވަޅުތަކަށް ގެނެވުނު ބަދަލާއެކު އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.