ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނަސް ކޮވިޑް ހުއްޓުނީކަމަށް ނުނިންމުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެތެރެއިން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލު ގެނެސް އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތަކީ ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށްކަމަށް ނިންމާފައެވެ.
މި ގޮތުން މެންބަރު ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނަސް ކޮވިޑް ހުއްޓުނީކަމަށް ނުނިންމުމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ނިހާދު ވަނީ ކޮވިޑާއެކު އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި ރީއްޗަށް އުޅުމަށް ގޮވައިލާފައެވެ. އަދި ކޮވިޑު ފެތުރުން ކޮންޓުރޯލްކުރަން މަސައްކަތްކުރުމަށް ވެސް ނިހާދު ވަނީ ގޮވައިލައްވާފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު މަދުވަމުން އައިކަމުގައިވިޔަސް ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދުވަސްކޮޅަކު ހޭދަކޮށްލަން އެބަ ޖެހެއެވެ.
ރާއްޖެއިން ޕޮޒިޓިވްވާ މިންވަރު މަދުވަމުން އަންނައިރު އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 44 މީހުންނެވެ.
އެ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު މިހާރު ވަނީ 10398 އަށް އިތުރުވެފައެވެ.